##siteName##



 ހިދާޔަތުގެ އަލި  

އާޚިރަތް ދުވަހަށް އީމާންވުން

Friday, September 24, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މިދުނިޔެއާ އަލްވަދާޢު ކިޔާނޭ މީހެކެވެ. އިންސާނުން ޚަލްޤުކުރައްވައި މިދުނިޔެއަށް ފޮނުއްވަނީ އެއްވެސް ބޭނުމަކާނުލައި ކަމުގައި ދުށުމީ، ހަމަބުއްދިހުރި މީހެއްގެ ޟަމީރު ޤަބޫލު ކުރާނޭ ކަމެއްނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لا تُرْجَعُونَ [المؤمنون 115] މާނައީ"ތިމަންއިލާހު ތިޔަބައިމީހުން އުފެއްދެވީ ބޭނުމެއްނެތި ބޭކާރުގޮތުގައި ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން ތިމަންއިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން އެނބުރި ރުޖޫޢަނުކުރެވޭނޭ ކަމުގައިވެސް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟"

މުސްލިމުންގެ ޢަޤީދާއަކީ، އާޚިރަތްދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމުގައި ޤަބޫލު ކުރުމެވެ. ދުނިޔެވީ ޙަޔާތުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގެ އުފަލާއި އަރާމު ޙާޞިލުކުރުން ކަމުގައި ދެކިގެން މަސައްކަތްކުރުމީ، ތިމާ މިދުނިޔެއަށް އައި މަޤްޞަދު އޮޅުވާލުމެވެ.  ދުނިޔެމަތީގައި ތިމާ ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނޭކަން ޤަބޫލު ކުރަންޖެހެއެވެ. އެދުވަހަކީ އާޚިރަތް ދުވަހެއެވެ. އެންމެހައި ޚަލްޤުތަކުން ޢާމަލްތަކުގެ ވެރި ﷲ ގެ ޙަޟްރަތަށް އެއްކުރެވޭ ދުވަހެވެ. އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. ކީރިތި ޤުރްއާނުގައްޔާއި ރަސޫލުﷲ r ގެ ސުންނަތުގައި ވަރަށް ގިނަފަހަރަށް، ﷲ އަށް އީމާންވުމާއި ވިދިއިގެން އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ތަނެއްގައި އައިސްފައިވެއެވެ. يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ (١)يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ (٢)  [الحج 1-2] މާނައީ"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބަމީހުންނަށް އެ ދުވަހުގެ ޒަލްޒަލާ ފެންނަ ހިނދު، ކިރުމައިން އެބައިމީހުން ކިރުދޭ ދަރިންގެމަތިން ހަނދުމަނެތި، އަދި މާބަނޑު އަންހެނުން އެބައިމީހުންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެބައިމީހުންވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބު ގަދަފަދައީއެވެ."

އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެހެންކަމުން މިދުވަހަށް އީމާންނުވާ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. އާޚިރަތް ދުވަހަށް އީމާންނުވާ ގިނަ މީހުން ދެކޭގޮތުގައި، މީހާ މަރުވުމަށްފަހު އޭނާގެ ކަށިތައް ފީވެ، ބިމުގެ ވެއްޔަށް ބަދަލުވެގެން ދިއުމަށްފަހު، އަލުން އެކަށިތަކަށް ދިރުމެއް އައުމަކީ މުސްތަޙީލު ކަމެކެވެ. އެހެނަސް، ފުރަތަމަ ފަހަރަށް ނެތުމުގެ ތެރެއިން އިންސާނާ ޚަލްޤު ކުރެވިގެން އައިގޮތާ މެދު ވިސްނާލައިފިނަމަ، އަލުން ދިރުވުމަކީ ވެދާނޭ ކަމެއްކަމުގައި ޤަބޫލު ކުރަންޖެހެއެވެ.

މަކައްކާ މުޝްރިކުންގެ ތެރެއިން މީހަކު، ރަސޫލާ r ކުރިފުޅުމައްޗަށް އައިސް، ފީވެފައިވާ އިންސާނެއްގެ ކަށި ކަނޑެއް، އޭނާގެ އަތުން ފުޑުފުޑު ކޮށްލުމަފަހު، ފޮމެލާގައި ވައިގެ ތެރެއަށް ބުރައްސާލަމުން ބުންޏެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ، މިކަށިތައް މިގޮތަށް ފީވެ ވެއްޔަށްވެ ނިމި ދިއުމަށްފަހު އަލުން މިއަށް ދިރުން އަންނާނޭކަމަށްތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އާނއެކެވެ. އަދި ކަލޭވެސް ﷲދިރުއްވާނެތެވެ. އަދި ނަރަކަޔަށް ވައްދަވާނެތެވެ. މިޙާދިޘާއާ ގުޅިގެން ޔާސީން ސޫރަތުގެ މިދެޔާޔަތް ބާވައިލެވުނެވެ. وَضَرَبَ لَنَا مَثَلا وَنَسِيَ خَلْقَهُ قَالَ مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ (٧٨)قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (٧٩) [يس 78-79] މާނައީ"އިންސާނާ އޭނާ ހެއްދެވުނު ގޮތް ހަނދާން ނައްތާލައި،  ތިމަން އިލާހަށް މިސާލެއް ޖެއްސެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި އަލުން ދިރުވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަށިތައް އަލުން ދިރުއްވާނީ ފަރަތަމަ ފަހަރަށް އެކަށިތައް އުފެއްދެވި އިލާހެވެ. އަދި އެކަލޭނގެއީ، އެންމެހައި މަޚްލޫޤުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." މިޙާދިޘާއާ ގުޅިގެން އަދިވެސް ވަޙީކުރައްވާފައިވެއެވެ. أَيَحْسَبُ الإنْسَانُ أَلَّنْ نَجْمَعَ عِظَامَهُ (٣)بَلَى قَادِرِينَ عَلَى أَنْ نُسَوِّيَ بَنَانَهُ (٤) [القيامة 3-4] މާނައީ"އިންސާނާ ހީކުރަނީ، ތިމަންއިލާހު އޭނާގެ ކަށިތައް އެއްނުކުރައްވާނޭ ކަމަށް ހެއްޔެވެ؟ އެހެނަކުންނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންއިލާހު ކުޅަދުންވަންތައެވެ."




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 14 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel