##siteName##



 ހިދާޔަތުގެ އަލި  

ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ.

Friday, August 27, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


އިންސާނުންނަކީ ފިޠުރީގޮތުން ބަލާއިރުވެސް އެހެން މީހުންނާ ގުޅިގެން މެނުވީ ނުއުޅެވޭނޭ ބައެކެވެ. ކިތަންމެ ކަންފުރިހަމަވެފައި އަތްމަތި ތަނަވަސް މީހެއްކަމުގައިވިނަމަވެސް، އެހެންމީހުންގެ އެހީތެރިކަމާ އެއްބާރުލުމާ ނުލައި، އެއްވެސް މީހަކަށް އެމީހެއްގެ އެންމެހައި ކަންތައްތައްތަކެއް އެކަނިމާއެކަނި އަމިއްލައަށް ނުކުރެވޭނެއެވެ. ކޮންމެ މީހަކީވެސް އެހެން މީހުންގެ ހުނަރާއި މަސައްކަތްތެރިކަމަށް ބޭނުން ވާނޭމީހެކެވެ. ހަމައެފަދައިން އަނެކާގެ އަތުގައިވާ އެއްޗަކަށްވެސް ބޭނުންވާނޭ މީހެކެވެ. ކަންމިހެން އޮތްހިނދު، އިޖްތިމާޢީ ކަންކަމުގައި ބައިވެރިވެ އުޅުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އުޅުމީ، ﷲ އަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ އަޅުކަމެއްކަމުގައްޔާއި އާޚިރަތުގެ ޘަވާބާއި ދަރުމަ ލިބޭ ކަމެއްކަމުގައި ދީނުގައި ކަނޑައެޅިފައިވެއެވެ.

    މިގޮތުން ބަލާއިރު ޒަކާތަކީ، އިޖިތިމާޢީ ފުދުންތެރިކަން ހޯދައިދިނުމުގެ ގޮތުން، އިސްލާމް ދީނުގައި އެޅިފައިވާ ވަރަށްވެސް ހަރުދަނާ ފިޔަވަޅެކެވެ. ކަމުގެ މުހިއްމުކަން ޒަކާތްދިނުން ލެއްވިގެންވަނީ ދީނުގެ ރުކުނެއްގެ ގޮތުގައެވެ. އެހެންކަމުން، ޒަކާތް ވާޖިބުވާ މިންވަރުގެ ތަނަވަސްކަންހުރި މީހެއްނަމަ، ޒަކާތް ނުދޭހާ ހިނދަކު އޭނާގެ ދީން ފުރިހަމައެއް ނުވެއެވެ. އިސްލާމް ދީނުގައި އެންމެ އިސްކަން ދެވިފައިވާ ރުކުނަކީ ނަމާދެވެ. ނަމާދުގެ ޛިކުރުކުރެވޭ ކޮންމެތަނެއްގައިހެން ކީރިތި ޤުރުއާނުގައި ޒަކާތުގެ ވާހަކަ އައިސްފައިވެއެވެ. ޒަކާތް ވާޖިބުވެއްޖެ މީހާ، ކިތަންމެ ނަމާދެއްކުރިޔަސް، ކިތަންމެ ތަރާވީޙެއް ކުރިޔަސް، ކިތަންމެ ޙައްޖަކާއި ކިތަންމެ ޢުމުރާއެއް ވިޔަސް، ކިތަންމެ ގިނަ ހެޔޮކަމެއް ކުރިޔަސް، ޒަކާތް އަދާނުކުރާނަމަ އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ. އަދި މިކަންކަމުން ކުރާނޭ މަންފާއެއްވެސް ނޯންނާނެއެވެ. މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ (البقرة: ٤٣) މާނައީ "ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތްދޭށެވެ!" ނަމާދު ޤާއިމުކުރުމަށް އަމުރުކުރެއްވުމާ ވިދިގެން ޒަކާތްދިނުމަށް އަމުރުކުރައްވާފައިވާ އާޔަތްތައް ކީރިތިޤުރްއާނުގައި މިނޫނަސް ވަރަށް ގިނައެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "بُنِىَ الإِسْلاَمُ عَلَى خَمْسٍ، شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ."(رَوَاهُ مُسْلِمٌ)  މާނައީ"އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ، اللَّهُ ފިޔަވައި އަޅުކަމެއްކުރުން ޙައްޤުވެގެންވާ އިލާހަކުނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި އެކަލާނގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ކަޢުބަތު اللَّهِ ގެފުޅަށް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ."

ހެޔޮކަންތައްތަކުގައި ހޭދަކުރާމީހުންގެ މުދަލުގައި ބަރަކާތް ލައްވާނޭ ކަމާއި، އެފަދަ ކަންކަމުގައި ހޭދަނުކޮށް މުށްބާރުކޮށްގެން ތިބާމީހުންގެ މުދަލުގެ ބަރަކާތް ކެނޑި ނެތިދާކަން ބަޔާން ކުރައްވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘު ކުރައްވައެވެ. "مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاّ مَلَكَانِ يَنْزِلانِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا" [رواه البخاري ومسلم]  މާނައީ:"އުޑުން ދެ މަލާއިކަތަކު ފައިބާވަޑައިގެން، ﷲ އަށް ދުޢާ ނުދަންނަވާ ދުވަހެއް ދުނިޔެއަށް އިރު ނައަރައެވެ. އެއިން އެއްބޭކަލަކު ދަންނަވާނެތެވެ. އޭ ﷲ އެވެ! ރަނގަޅުގޮތުގައި މުދަލުން ހޭދަކުރާ މީހާގެ މުދަލުގައި ބަރަކާތް ލައްވާނދޭވެ! އަނެއް ބޭކަލަކު ދަންނަވާނެތެވެ. އޭ ﷲ އެވެ! މުދަލުން ހޭދަނުކޮށް މުށް ބާރުކޮށްގެން ހުންނަ މީހާގެ މުދާ ނެތިކުރައްވާނދޭވެ!"

    ފަރުޟު ކަންތައްތައް ފިޔަވައި، ޘަވާބާއި ދަރުމައިގެ ގޮތުން ހެންމެ ހެޔޮކަންބޮޑު ޢަމަލަކީ، އެހެންމީހުންނަށް އޭގެ ފައިދާ އާއި މަންފާ ފޯރާ ކަންތައްތަކެވެ. މިގޮތުން ބަލާއިރު، މިވަގުތު އިސްލާމީ އުއްމަތަށް ނަޒަރު ހިންގާލުމުން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް ކަމުގައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކާރިޘާގެ ސަބަބުން، ޙާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމީ، މިފަދަ މާތް މައްސަރެއްގައި ކުރުން އެންމެ އައުލާވެގެންވާ އެއްކަން ކަމުގައި މެނިވީ ނުވެއެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 26 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel