##siteName## އެހެނިހެން  

ކުދިންގެ ބެލެނިވެރިންނަށް އިލްތިމާސެއް

Saturday, August 21, 2010
ލިޔުއްވީ : މުޙައްމަދު ލަޠީފް މިނިސްޓަރ އޮފް އެޑިޔުކޭޝަން


ނޯޓް: ތިރީގައި މިވަނީ، 1419 ރަޖަބް 13، 1998 ނޮވެމަބަރ 02 ވަނަ ދުވަހު ދިވެހިރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރީން، ބެލެނިވެރިންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކުރައްވާފައިވާ އިލްތިމާސެކެވެ. މިސައިޓްގައި މިލިޔުން ޝާޢިއު ކުރީ ކިޔުންތެރިންގެ މަޢުލޫމާތައްޓަކައެވެ.

---------------------------------------------------------------------------------------------------------------------------------------------------------------------

 

(ދައުލަތުގެ ނިޝާން)

 

 

 މިނިސްޓްރީ އޮފް އެޑިޔުކޭޝަން

      މާލެ،

      ދިވެހިރާއްޖެ .                          ނަމްބަރ:          

 

ކުދިންގެ ބެލެނިވެރިންނަށް އިލްތިމާސެއް

        އެނގިވަޑައިގަންނަވާނޭ ފަދައިން ދުނިޔެއަށް ފެތުރެމުންދާ ފެޝަންތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވިޔަފާރި އުސޫލުން މައިގަނޑުގޮތެއްގައި މާލީނަފާ ހޯދުމަށްޓަކައި ހިންގާ ބޮޑުވެގެންވާ ސިނާޢަތެކެވެ. އެކަން އެބައިމީހުން ކުރަނީ ނަފްސާނީ އުކުޅުތަކާއި ހެއްލުންތެރި ރޭވުންތަކާއި އިންސާނާގެ އުނި އިހްސާސަތަކަށް ބަލައިގެން ވަރަށް ހަރުދަނާ ޝަޚްސިއްޔަތަކަށް ނޫނީ އެފެޝަންތަކުގެ ދަލުން ނުނެއްޓެވޭ ފަދަގޮތްގޮތަށެވެ. އެނގިވަޑައިގަތުން ބޭނުންތެރި ވާނޭފަދައިން، މިކަންކުރުމުގައި މީހުންގެ ހިތްތައް ލެންބުމަށްޓަކައި ބޭނުންކުރެވޭ ބައެއް އުސޫލުތަކަކީ ބަލާމީހުންގެ ހިތްތަކުގައި ޖިންސީ ޖަޒުބާތު އުފެއްދުމާއި އެއްޖިންސް އަނެއްޖިންސަށް ޝައުޤްވެރިކަން  އިތުރުކުރުވުމާއި ހެދުންއަޅާމީހާއަށް ބަލާމީހާގެ ސަމާލުކަން ބޮޑުކުރުމެވެ. ފެޝަން އުފެއްދުމާއި ފެޝަން ވިއްކުމުގައި އަވަސް އަވަހަށް ވިޔަފާރި ރޯލުކުރުމާއި އެއް ފެޝަންއުވާލައި އަނެއްފެޝަން ގެނައުމާއި އުވިގެން ދުވަސް ވެފައިވާ ފެޝަންތައް އިއާދަކުރުން ފަދަ ނަފާބޮޑުކުރުމުގެ ހުރިހާ ސިފަތައް އެމަސައްކަތުގައި އެކުލެވިގެންވެއެވެ.

        އެނގިވަޑައި ގަންނަވާނޭ ފަދައިން ދުނިޔެތެރެއަށް އޮއިވަރު އޮއިވަރަށް އެކިޒާތްތާތުގެ ފެޝަންތައް ދޭތެރެ ދޭތެރެއިން ފެތުރެމުންދަނީ ވަރަށްވެސްބާރު މިނެއްގައި ބާރުގަދަ ގޮތެއްގައެވެ. އަދި މުޖްތަމަޢު ތެރޭގައި ހުންނަބާރުގަދަ ނުފޫޒުތަކުގެ ތެރެއިންނެވެ. އަދި ފެޝަނއތައް ފެތުރިގެންދާއިރު ޑިޒައިނުގައި ހައްދުންނެއްޓުން އަބަދުވެސް ގާތެވެ. ވުމާއިއެކު އެއޮއިވަރުގެ ތެރޭގައި ސަލާމަތް ދަތުރެއްކުރެވޭނީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވެ ތިބެގެންނެވެ. މިސާލަކަށް ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ހެދުންތައް ކުރުވެގެން ގޮސް ނިވާކަން ވަރަށްވެސް ކުޑަވެގެން ދިޔައެވެ. ހަމައެހެންމެ ފައިކުރިތައް ފުޅާވެގެން ގޮސް ވަރަށް ފުޅާވެގެން ވެސް ދިޔައެވެ. މިގޮތުން މިހާރަކަށް އައިސް މުޖުތަމަޢުގެ ތެރެއިން ފެންނަބައެއް އަންހެން ހެދުން އާދަޔާ ޚިލާފަށް ކުރުވަމުން ދާތަނާއި އަރިމތިންނާއި ކުރިމަތިން މާބޮޑަށް ފެޅިފައި ހުންނަތަންވެސް އެބަ ފެންނަމުން ދެއެވެ. ހަމައެހެންމެ، މަދުންނަމަވެސް ބައެއްފިރިހެން ހެދުންވެސް މިނުންނައްޓާ ގޮތަށް ފެޝަންތަކަށް އިޖާބަދެވިފައި އެބަހުރެއެވެ.

        ވުމާއިއެކު ބެލެނިވެރިންނަށް އިލްތިމާސް ކުރަމެވެ. މިދެންނެވިފަދަ ހައްދުން ނައްޓާލާފައިވާ ފެޝަންތަކުން ކުދިން ސަލާމތް ކުރައްވައި އިސްލާމީ ދިވެހި މުޖުތަމަޢުގެ ރީތި އަޚްލާޤަށްފެތޭ ގޮތުގައި ކުދިންގެ ހެދުންތައް ބަހައްޓަވައި ކަމާވަގުތާ ގުޅޭގޮތުން ހެދުމުގެ ޑިޒައިނަށް ބަދަލު ގެންނެވި ކަމުގައި ވިޔަސް ވާންޖެހޭ ނިވައިކަމުގެ މިންގަނޑުން ބޭރުވާގޮތަށް އިޖާބަ ނުދިނުމުގައި އަޒުމު ވަރުގަދަ ކުރާށާއި ފެޝަނުގެ އޮއިވަރަކީ ވަރަށްބޮޑު ހެއްލުމެއްކަން ކެޑިނޭޅި ކުދިންނަށް ވިސްނަވައިދެއްވަމުން ގެންދަވަމުން ގެންދެވުން އެދެމެވެ. އަދި އެކިމޫސުމަށް ބަދަލުވާ އުސޫލުން ބަދަލުވާ ފެޝަންތަކަށް ހެއްލުމުގައި އޮތްގެއްލުމާއި އޮތްއޮޅުން ކުދިންނަށް ސާފުކޮށްދެއްވުން ވެސްއެދެމެވެ.

        މިގޮތުން ހެދުން އެޅުމުގަޔާއި އަދި އަލަށް ހެދުން ހޯއްދަވާއިރު މިދަންނަވާ އުސޫލުތައް ހިފެހެއްޓެވުމާއި އެގޮތްތައް ކުދިންނަށް ދަސްކޮށް ދެއްވުން ފެނެއެވެ.

1- ވެވަޑައިގަތް ވަރަކުން ކޮންމެ ހަފްލާއަކަށް ކޮންމެމުނާސަބަތަކަށް އާ ހެދުންތައް ނުހޯއްދެވުމާއި އިޤްތިޞާދު ކުރެއްވުމަށް ތަރުހީބު ދެއްވުމާއި އިސްރާފުން މަނާވެ ވަޑައިގަތުން.

2- ނިވާކަންކުޑަ ފެޝަން ތަކަށް އިޖާބަނުދެއްވުން.

3- ހަށިގަނޑުގެ ބައްޓަންތައް ފާޅުވާފަދަ ވައްތަރުތަކަށް އިޖާބަނުދެއްވުން.

4- މޫސުމް މޫސުމަށް ބަދަލުވާ އަގުބޮޑު ފެޝަންތަކަށް އިޖާބަނުދެއްވުން.

5- ސްކޫލް ކުދިންގެ ޔުނީފޯމްގެ މިންތައް ސްކޫލުން ހޯއްދަވައިގެން ޔުނީފޯމް ރަގަޅަށް ބެހެއްޓެވުން.

        އަޅުގަނޑުމެންގެ މީސްކޮޅުމަދު ކުޑަމުޖުތަމަޢުގައި އެންމެ މީހެއްވެސް މަގުންނެއްޓީ އެއްކިބާވުމަކީ އަޅުގަޑުމެން ގަބޫލްކުރަންވާވަރު ކަމެއްނޫންކަމުގަޔާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިކަމުގައި ވިޔަސް އަޅުގަޑުމެން އިޖާބަދީގެން ނުވާނެ އަޅުގަޑުމެންގެ އަޚްލާޤީ މިންގަޑަށްނުފެތޭ ކަންތައްތަކުން ކުދިން ދުރުހެލި ކުރައްވައި އެފަދަކަންކަމުން ކުދިން ސަލާމަތް ކުރެއްވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވުން އެދެމެވެ. އެހެނީ އެފަދަ ކަންކަމަކީ ކުއްޖާއަށް ރަގަޅުހާ ކަންތައްތަކަށާއ ކުއްޖާގެ މުސްތަޤްބަލަށް ހުރަސްއަޅާ ކަންކަމެވެ.

        އަދި ބައެއްކުދިން ޔުނިފޯމްލުމުގައި ސްކޫލް ޔުނިފޯމްގެ މިންތައް ނުހިފެހެއްޓި ހުންނަކަން ފާހަގަކުރެވެމުން ދާކަމުގައާއި އެކަން ވެސް އިސްލާޙު ކުރެއްވުމަށް މިފުރުސަތުގައި ދަންނަވަމެވެ. އާއަހަރު ފެށޭއިރު ބެލެނިވެރިންނަށް އާޔުނީފޯމް ފެއްސެވުމުގައި މިމިނިސްޓްރީގެ ސަރކިއުލަރ ނަމްބަރ 61/94 (11 އޮގަސްޓް 1994) އިން ސްކޫލްތަކުގައި ދަންނަވާފައިވާ ޤަވާއިދާ އެއްގޮތަށް، ކުއްޖާ ބޮޑުވަމުން ދާނެކަމަށް ވިސްނަވައިގެން، މިކަމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

        ސްކޫލްކުދިންގެ ބެލެނިވެރިންގެ އިތުރުން ސްކޫލް މަދަރުސާ ފަދަތަންތާގެ ވެރިންނާއި ސުޕަވައިޒަރުންފަދަ އެންމެހާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުންއެދެމެވެ.

13 ރަޖަބު   1419

02 ނޮވެމްބަރ 1998

 

                                              (ސޮއި)

        މުޙައްމަދު ލަޠީފް

                                        މިނިސްޓަރ އޮފް އެޑިޔުކޭޝަން

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 39 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel