##siteName##



 ހިދާޔަތުގެ އަލި  

ޕާކިސްތާނުގައި ޙާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އަވަސްވެގަންނަމާ ހިނގާށެވެ!

Saturday, August 21, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


ބަރަކާތްތެރި ރަމަޟާން މަހަށް ހަނދުބެލި އިރު އިސްލާމީ އުއްމަތްވަނީ ވަރަށްވެސް ހިތާމަވެރި ކާރިޘާއަކާ ކުރިމަތިލާފައެވެ. މުސްލިމުންގެ އެންމެ ވަރުގަދަ އެއްގައުމު ކަމުގައިވާ އަޅުގަނޑުމެންގެ އަވަށްޓެރި ޕާކިސްތާނުގައި ފެން ބޮޑުވުމުގެ ސަބަބުން، އެޤައުމުގެ އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް މިލިޔަން މީހުންވަނީ މަގުމަތިވެފައެވެ. މިއީ ޕާކިސްތާނުގެ ތާރީޚްގައިވެސް އެޤައުމާ ކުރިމަތިވި އެންމެ ހިތާމަވެރި ޙާދިޘާއެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރުވެސް މިފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވި ޤުދުރަތީ ކާރިޘާތަކުގެ ތެރެއިން މިއީ އެންމެ ހިތާމަވެރި ހާދިޘާކަމަށް ކަމާބެހޭ އިދާރާތަކުގެ ރިޕޯޓްތައް ބުނެއެވެ. 2005 ވަނަ އަހަރު ކަޝްމީރަށް އައި ބިންހެލުމާއި 2004 ވަނަ އަހަރު އޭޝިޔާ އަށް އައި ސުނާމީއާއި މިއަހަރު ކުރީކޮޅު ހެއިޓީއަށް އައި ބިންހެލުމާއި މިތިން ޙާދިޘާގައި ޙާލުގައި ޖެހުނު މުޅި ޖުމްލަ މީހުންނަށްވުރެ ގިނަ ޢަދަދެއްގެ މީހުން ޕާކިސްތާނުގައި މިހާރު ޙާލުގައި ޖެހިފައި އެބަތިއްބެވެ. 15 މިލިޔަނަށްވުރެ ގިނަ މީހުން ގެދޮރުނެތިފައި އެބަތިއްބެވެ. ޙާލުގައިޖެހިފައިވާ މީހުންގެ ތެރޭގައި މިހާރުވަނީ ކޮލެރާ ބަލި ފެތުރެން ފަށައިފައެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ ރައްޔިތުންގެ ތެރެއިން މިހާ ގިނަ ބަޔަކު ޙާލުގައި ޖެހިފައވާއިރު، އެމީހުންނަށް އެހީތެރިވުމަކީ، މިއަދު އަޅުގަނޑުމެންގެ މައްޗަށްއޮތް ދީނީ ވާޖިބެކެވެ. އަދި އިންސާނީ ޙައްޤެކެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، މާބޮޑު ތަނަވަސްކަމެއް ލިބިފައިވާ ޤައުމަކަށް ނުވިނަމަވެސް، އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އެހީތެރިކަމުގެ އަތެއް އެބައިމީހުންނަށް ފޯރުކޮށްދޭން ޖެހެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (لاَ تَحْقِرَنَّ مِنْ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ) މާނައީ"ހެޔޮކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކީ، ކަމަކަށްނުވާ ކަމެއްކަމުގައި ނުދެކޭށެވެ! އެއީ، އުފާވެރި މޫނަކާއެކު ތިބާގެ އަޚާއާ ބައްދަލުވުން ކަމުގައިވިއަސް މެއެވެ." މިޙަދީޘުންވެސް ދޭހަކޮށްދެނީ ހެޔޮކަމުގެ މަގުގައި ކިތަންމެ ކުޑަ އެއްޗެއް ހޭދަކުރުމަށްވެސް ފަސް ނުޖެހުމަށެވެ. އެހެން ޙަދީޘްފުޅެއްގައިވެއެވެ. (وَاتَّقُوا النَّار وَلَوْ بِشِقِّ تَمْرَة) މާނައީ"ކަދުރުފަޅިއަކުން ޞަދަޤާތް ދީގެންވިއަސް ނަރަކައިން ރައްކާތެރިވާށެވެ!

ޕާކިސްތާނަށް ކުރިމަތިވެފައި މިވާ ޤުދުރަތީ ކާރިޘާގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބައިނަލް އަޤްވާމީ އެހީއަށް އެދި ގޮވާލާފައެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ފަރާތުންވެސް އެޤައުމުގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ކިތަންމެ ކުޑަ އެހީއެއްނަމަވެސް ބަލައިގަންނާނެ ވާހަކައާއި، މިވަގުތު ޤައުމަށް އެންމެބޮޑަށް ބޭނުންވަނީ ފައިސާގެ އެހީކަމުގައިވެސް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަޚްތަރު ޢަލީ ވަނީ ވިދާޅުވެފައެވެ.  

އާނއެކެވެ. އަޅުގަނޑުމެން މި ހޭދަކުރަމުން މި ދަނީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކެވެ. ރަމަޟާން މަހަކީ، ޙަދީޘްގައި އައިސްފައިވާފަދައިން، ހަމްދަރުދީއާއި އެހީތެރިކަމުގެ މައްސަރެވެ. އެހެންކަމުން މިފަދަ މާތް މަހެއްގައި ޙާލުގައި ޖެހިފައިވާ އަޅުގަނޑުމެން އަޚުންނާއި،އުޚުތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވުމަށް އަވަސްވެގަންނަމާ ހިނގާށެވެ! ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވައެވެ. وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ. وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ "މާނައީ: ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައިދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތްދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް الله ދުރުކޮށްދެއްވާނެއެވެ."

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 13 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel