##siteName## ހިދާޔަތުގެ އަލި  

ރޯދައާއި ނަމާދު

Saturday, August 14, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

ރަމަޟާން މަސް ފެށުމާއެކު، މިސްކިތްތަކަށް އަރާމީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމުން ދޭހަކޮށްދެނީ، ނަމާދާމެދު ފަރުވާކުޑަކޮށް އުޅުނުކަމުގައި ވިއަސް، އެއީވެސް ކުރަން ޖެހޭކަމެއްކަން ގިނަބަޔަކަށް ޤަބޫލުކުރެވޭކަމެވެ. އެހެނަސް، ވިސްނާލަން ޖެހޭކަމަކީ، ނަމާދާއި ރޯދާއި ދެމެދުގައި އަދާކުރަންޖެހޭ ވަގުތައް ބަލާއިރު، އެއްވެސް ގުޅުމެއް ނުވާކަމެވެ. ރޯދައަކީ އަހަރުތެރޭގައި އަންނަ ވަކި މަހެއްގައި އަދާކުރެވޭ އަޅުކަމެކެވެ. ނަމާދަކީ މުޅި އަހަރުގެ ހުރިހާ ދުވަހެއްގައި، ދުވާލަކު ފަސްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއްވެސް ޙާލެއްގައި އެއީ ރޯދަމަހާ ގުޅުފައިވާ އަޅުކަމެއްނޫނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا [النسا:103] މާނައީ"ހަމަކަށަވަރުން ނަމާދަކީ، މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ".

ރޯދަ މަހަކަސް އެހެން މަހަކަސް ނަމާދު ކުރުމުގައި ވަކި ތަފާތެއް ނޯވެއެވެ. އެހެންކަމުން، އެއްވެސް ސަބަބަކާ ނުލައި ޝަރްޢީ ޢުޛުރެއް ނެތި، އެންމެ ނަމާދެއް ވިޔަސް، ނުކޮށް ހުރިމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. އަދި ކީއްހިއްޔެވެ. އެއީ މުސްލިމު އަޅާގެ ދީނަށް ނުރައްކާހުރި ކަމެކެވެ.

ﷲއަށް އަޅުކަން ޚާލިޞްކުރުމާއެކު ފުރަތަމަ ކަމަކަށްވެސް، ނަމާދު އަދާކުރުމަށާއި ޒަކާތް ދިނުމަށް މުސްލިމުންނަށް ވަނީ އަމުރު ކުރެވިގެންނެވެ. މިކަން އަންގަވަމުން ކީރިތިވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ [البينة:5] މާނައީ"އެއްކައުވަންތަ ކަމާއެކު ﷲއަށް އަޅުކަން ޚާލިޞް ކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ،  އެބައިމީހުންނަށް އަމުރު ކުރެވިގެން ނުވެއެވެ.  ސީދާވެގެންވާ ދީނަކީ އެއީއެވެ".

ޤިޔަމަތްދުވަހު ނަރަކަވެރިން، ނަރަކައަށް ވަންނަންޖެހުނީ ކީއްވެތޯ އެބައިމީހުންނާ ސުވާލު ކުރެވުމުން، ޖަވާބުގައި ބުނާނޭ ކަމަށް ޤުރްއާނުގައި އައިސްފައިވެއެވެ. قَالُوا لَمْ نَكُ مِنَ الْمُصَلِّينَ (٤٣)وَلَمْ نَكُ نُطْعِمُ الْمِسْكِينَ (٤٤)وَكُنَّا نَخُوضُ مَعَ الْخَائِضِينَ (٤٥)وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ (٤٦) [المدثر:43-46]  މާނައީ"ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއިން ތިމަންމެން ނުވަމުއެވެ. އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއްވެސް ނޫޅެމުއެވެ. އަދި ދީނަށް ފުރައްސާރަކޮށް އުޅުނު މީހުންނާއެކު ފަރައްސާރަކޮށް، ބާޠިލުވާހަކަ ދައްކައި އުޅުނީމުއެވެ. އަދި މަރުއަތުވެއްޖެއުމަށް ދާނދެން، ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ."                       

އިސްލާމް ދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު އަންގައިދެއްވަމުން، ރަސޫލުﷲ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވެއެވެ. "أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلاَةُ، فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَلِهِ" [رواه الترمذي وحسنه الألباني] މާނައީ"ޤިޔާމަތް ދުވަހު އަޅާއާ އެންމެ ފުރަތަމަ ސުވާލުކުރެވޭހުށީ ނަމާދާ މެދުގައެވެ. ފަހެ، ނަމާނު ފުރިހަމައަށް އަދާކޮށްފައިވާނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ރަނގަޅުވެދާނެއެވެ. އެހެނަސް، ނަމާދާ މެދު ފަރުވާ ކުޑަކޮށްފައިވާނަމަ، އޭނާގެ އެހެން ހުރިހާ ޢަމަލެއް ދާނީ ބޭކާރު ވެގެންނެވެ." އެހެންކަމުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "رَأْسُ الْأَمْرِ الإِسْلاَمُ، وَعَمُوْدُهُ الصَّلاَةُ".  މާނައީ"ހުރިހާ ހެޔޮކަމެއް ބިނާވެގެންވަނީ އިސްލާމް ކަމުގެ މައްޗަށެވެ.  އަދި މިއިސްލާމް ކަން ބިނާވެފައިވަނީ ނަމާދުގެ މައްޗަށެވެ." أُمُّ سَلَمَةَ رَضِيَ اللهُ عَنْهَا ގެ އަރިހުން ވާރިދުވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އެންމެ ފަހުގެ ވަޞިއްޔަތުގެ ތެރޭގައި، ނަމާދަށް ރައްކާތެރިވުމަށާއި އަންހެނުންނަށް އޯގާތެރިވުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ."

ރޯދަހިފި ކަމުގައިވިއަސް ރަމަޟާން މަހުގައިވެސް، ނަމާދު ނުކުރާ ބަޔަކުވެސް އުޅޭކަން ފާހަގަކުރެވެއެވެ. ޙަޤީޤަތުގައި މިއީ އަދި މާނުބައި ކަމެކެވެ. މިފަދަ މީހުންނަށް ރޯދައަށް ތިބުމަކުން، ކަރު ހިއްކުމާއި ބަނޑުހައިވުން ފިޔަވައި، އެހެން މަންފާއެއް ނުކުރާނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘު ކުރައްވާފައިވެއެވެ. "كَمْ مِنْ صَائِمٍ لَيْسَ لَه مِنْ صِيَامِهِ إلاَّ الْجُوْعُ وَالْعَطَشُ" [رَوَاهُ أَحْمَدُ وَالدَّارِمِيُّ وَابْنُ مَاجَه]  މާނައީ "ރޯދަވެރިންގެ ތެރޭގައި، އެމީހެއްގެ ރޯދައިން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫން އެހެންކަމެއް ނުލިބޭނޭ ކިތައް ރޯދަވެރިން ވޭހެއްޔެވެ."
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 7 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel