##siteName## ތަފްސީރު  

الفاتحة ސޫރަތުގެ ތަރުޖަމާ

Saturday, August 14, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

މިސޫރަތަށް الفاتحة ގެ ނަމުން ނަންދެވިފައިވަނީ، ކީރިތި ޤުރުއާން މިސޫރަތުން ފެށިފައިވާތީއެވެ. ހަމައެހެންމެ މިސޫރަތަށް المثاني އޭވެސް ކިޔައެވެ. އެއީ ނަމާދުގެ ކޮންމެ ركعة އެއްގައި މިސޫރަތް ކިޔަވޭތީއެވެ. އަދި މިނޫނަސް އެތައް ނަމެއް މިސޫރަތައް ދެވިފައިވެއެވެ.

(1)     (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) (بسم) ﷲ ގެ اسم ފުޅުން މިފަށަނީ، އަޅާގެ މިޢަމަލު ޤަބޫލުފުޅު ކުރެއްވުން އެދެމުން، މިއަޅާގެ މިޢަމަލު ފުރިހަމަކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދޭ ޙާލުގައެވެ.

(الله) މިއީ عالم ތައް ހައްދަވައި ގެންގުޅުއްވާ، ޚާލިޤުވަންތަ، حق ގޮތުގައި އަޅުކަންވެވޭ ދެވަނަ ކަލަކުނުވާ، عالم ތަކުގެ ވެރި إله އަށް ޚާއްޞަވެގެންވާ އިސްމުފުޅެކެވެ. މިއީ އެއިލާހުގެ އިސްމުފުޅުތަކުގެ ތެރެއިން އެންމެ ޚާއްޞަ އިސްމުފުޅުވެސް މެއެވެ. އެހެންކަމުން އެއިލާހު ފިޔަވައި އެހެން އެއްވެސް މީހަކަށް މި އިސްމުފުޅުން ނަން ނުކިޔޭނެއެވެ.

(الرحمن) އެންމެހައި ޚަލްޤުތަކުންނަށް އެ إله ގެ ރަޙްމަތް ޝާމިލުވެގެންވާ إله.

(الرحيم) ޚާއްޞަގޮތެއްގައި މުއުމިނުނަށް އޯގާތެރިވެ ވޮޑިގެންވާ .

(الرحمن) އަދި (الرحيم) މިއީ ﷲގެ އިސްމުފުޅުތަކުގެ ތެރެއިންވާ ދެ އިސްމުފުޅެވެ.    

(2)      (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) އެންމެހައި ޙަމްދު ޘަނާއާއި ތަޢުރީފެއް ޙައްޤުވެގެންވަނީ، عالم ތައް ހައްދަވައި ގެންގުޅުއްވާ، އެ عالم ތަކުގެ ވެރި ﷲ އަށެވެ.

ދަންނައެވެ. ﷲ ފިޔަވައި ކޮންމެ އެއްޗަކީ عالم އެކެވެ. މިސާލަކަށް ملائكة ބޭކަލުންގެ ޢާލަމް، ޖިންނީންގެ ޢާލަމް، އިންސާނުންގެ ޢާލަމް، ޙައިވާނުންގެ ޢާލަމް، ފަތްޕިލާވެލީގެ ޢާލަމް މިފަދައިންނެވެ. 

މިއާޔަތުގައި މިވަނީ، ﷲ އެއިލާހުގެ ذات ފުޅަށް ކުރައްވާފައިވާ ޘަނާއަކާއި ތަޢުރީފެއް ކަމުގައިވިއަސް، މީގައި އެކަލާނގެއަށް ޘަނާއާއި ތަޢުރީފު ކުރުމަށް އަޅުތަކުންނަށް ކުރެވޭ އަމުރެއް އެކުލެވިގެންވެއެވެ. އެހެނީ، އެންމެހައި ޘަނާއަކާއި ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށް ކަމުގައިވާނަމަ، އަޅުތަކުން އެކަލާނގެއަށް ޙަމްދު ޘަނާ އާއި ތަޢުރީފުކުރަން ޖެހެއެވެ.

(3)      (الرَّحْمَنِ الرَّحِيمِ) (الرحمن) އެކަލާނގެއީ، އެންމެހައި ޚަލްޤުތަކުންނަށް، އެކަލާނގެ ރަޙްމަތް ޝާމިލުވެގެންވާ ކަލާނގެއެވެ. (الرحيم) މުއުމިނުންނަށް އޯގާވަންތަ ވޮޑިގެންވާ ކަލާނގެއެވެ. މިއީ، ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިންވާ ދެ އިސްމުފުޅެވެ.

(4)      (مَالِكِ يَوْمِ الدِّينِ) ޤިޔާމަތްދުވަހުގެ ހަމައެކަނި ވެރި އިލާ. ޤިޔާމަތްދުވަހަކީ، އަޅުތަކުންނަށް އެބައިމީހުން ދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ޖަޒާ ލިބޭނޭ ދުވަހެވެ. މިއާޔަތުގައި، ޤިޔާމަތް ދުވަހުގެ ވެރިކަން ހަމައެކަނި ﷲ އަށް ޚާއްސަކުރެވިފައިވަނީ، އެދުވަހު އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ ވެރިކަމަކަށް ނުވަތަ ބާރަކަށް ދަޢުވާ ނުކުރާނޭތީއެވެ. އަދި ހަމައެހެންމެ، ﷲ ގެ إذن ފުޅާލައިގެން މެނުވީ އެކަކުވެސް އެދުވަހު އެއްވެސް ވާހަކައެއް ނުދައްކާނޭތީއެވެ. ދަންނައެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި މިއާޔަތް ކިޔެވުމަކީ ޤިޔާމަތް ދުވަސް މަތިން ހަނދާންކޮށްދޭ ކަމެކެވެ. އަދި ޞާލިޙު ޢަމަލުތައް ކުޅައުމަށާއި، އެންމެހައި ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވެ ހުރެ، އެދުވަހަށްޓަކައި ފުރިހަމައަށް ތައްޔަރުވުމަށް ބާރުއަޅާ ހިތްވަރުދޭނޭ ކަމެއްވެސް މެއެވެ.

(5)      (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) އަޅަމެންކުރާ އަޅުކަންތަކާއި، އެންމަހައި ހެޔޮ ޢަމަލެއް ޚާލިޞް ކުރަނީ އިބަ އިލާހަށެވެ. އަދި އަޅަމެންގެ ހުރިހާ ކަމެއްގައި އަޅަމެން ވާތްގަށް އެދެނީވެސް ހަމަ އިބަ އިލާހުގެ ޙަޟްރަތުންނެވެ.

ދަންނައެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް، އެއްވެސް ބާވަތެއްގެ އަޅުކަމެއް ކުރުން ހުއްދަނޫންކަން މިއާޔަތުން ދަލީލު ކޮށްދެއެވެ.

(6)      (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައި، ޤިޔާމަތާ ހަމަޔަށް ދާންދެން އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އެމަގަކީ، އެންމެފަހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ދައްކަވައެދެއްވި އިސްލާމް ދީނުގެ ތެދުމަގެވެ. މިމަގުގައި ފައިތިލަ ސާބުތުކޮށްގެންމެނުވީ އެކަކަށްވެސް ބާއްޖަވެރިކަމެއް ނުލިބޭނެއެވެ.

(7)      (صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) އެމަގަކީ، އިބަ އިލާހު އެބޭކަލުންނަށް نعمة ދެއްވި ނަބީބޭކަލުންނާއި ޝަހީދުންނާއި ޞިއްދީޤުންނާއި ޞާލިހު އަޅުންނަށް ދެއްކެވި މަގެވެ. އެބޭކަލުންނީ ސީދާވެގެންވާ ހިދާޔަތުގެ މަގުގެ އަހްލުވެރިންނެވެ.

(غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ) އެބައެއްގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެތެރެއިން އަޅަމެން ނުލައްވާދޭނވެ! އެބައިމީހުންނީ ސީދާ މަގު ފެނުމުން އެއަށް ތަބާނުވީ މީހުންނެވެ. އެއީ ޔަހޫދީންނާއި އެބައިމީހުންނާ އެއްފަދަވީ މީހުންނެވެ. وَلا الضَّالِّينَ އަދި މަގުފުރެދުނު މީހުންގެ ތެރެއިންވެސް އަޅަމެން ނުލައްވާނދޭވެ! އެބައިމީހުންނީ ހިދާޔަތުގެ މަގުން ކަސިޔާރުވީ މީހުންނެވެ. އެއީ ނަޞާރާއިންނާއި އެމީހުންގެ ގޮތްތަކަށް ތަބާވާ މީހުންނެވެ.

 

ދަންނައެވެ. الفاتحة ސޫރަތް ކިޔެވުމަށްފަހު "آمين" ކިޔުމީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. މިއީ މިސޫރަތުގެ އާޔަތެއް ނޫންކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. އެހެން ކަމުން، މުޞްޙަފުގައި މިބަސް ނުލިޔުމަށްވެސް ދަންނަބޭކަލުންވަނީ އިއްތިފާޤު ވެވަޑައިގެންފައެވެ. މިބަހުގެ މާނައީ: އޭ ﷲ އެވެ! އަޅާގެ މި ދުޢާ އިޖާބަކުރައްވާނދޭވެ! މިއެވެ.

 

 

1999މ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 14 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel