##siteName##



 ސުވާލާއި ޖަވާބު  

ނަމާދުތަކެއް ނުކޮށް ހުރި މީހަކު އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ؟

Tuesday, August 10, 2010
ޖަވާބު ދެއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

ސ. ނަމާދުތަކެއް ނުކޮށް ހުރި މީހަކު އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް؟

ޖ. ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަގުތަށްވުރެ ފަސްކުރުމީ، ހުއްދަވާނޭ ކަމެއްނޫނެވެ. އަދި މިފަދަ ގޮތަކަށް ނަމާދެއް ފަސްކޮށްފިނަމަ ފާފަވެރިވާނެއެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ނަމާދެއް ވަގުތަށްވުރެ ފަސްކުރެވިއްޖެނަމަ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ. މީގެ އިތުރުން ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ނަމާދެއް ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ގޮތަށް ފާއިތުވެފައިވާ ނަމާދުތަކާމެދު ޢަމަލު ކުރަން ޖެހޭ ގޮތަކާމެދު، ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައި ވާނަމަ ޔަޤީން ވާ ވަރަށް ކުރަންވާނެއެވެ.

ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާކުރައްވައި ތަޙުޤީޤު ކުރައްވާފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނެތެވެ. އޭގެ ބަދަލުގައި، އޭނާގެ މައްޗަށް އޮތީ ތައުބާވެ، ގިނަގިނައިން އިސްތިޣްފާރުކޮށް، ސުއްނަތް ނަމާދުތައް ކުރުން އިތުރުކުރުމާއެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ޡާހިރީ މަޛްހަބުގެ އިމާމު ކަމުގައިވާ ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއް ޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގާ އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައިވިއަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.

އެހެންކަމުން މިމައްސަލައިގާ ބޮޑަށް ބުރަވެވެނީ، މިގޮތަށް އެތައް ދުވަސްތަކެއްވާންދެން ދޫކޮށްލާފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށްއޮތީ، ތެދުނިޔަތަކުން ﷲގެ ޙަޟްރަތަށް ތައުބާވެ ހެޔޮކަންތައް އިތުރުކޮށް ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 17 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel