##siteName##



 ހިދާޔަތުގެ އަލި  

ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން

Friday, August 06, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

 

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މާތްކަމާއި މަތިވެރިކަމުގެ މަހެވެ. ޘަވާބާއި ދަރުމައިގެ މޫސުމެކެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. އެއްހާސް މަސްދުވަހު އަޅުކަން ކުރުމަށްވަރެ އެއްމެ ރެއެއްގައި އަޅުކަންކުރުން ހެޔޮކަން ބޮޑުވެގެންވާ ރެއެއް ހިމެނިގެންވާ މެހެވެ. ކީރިތި ޤުރްއާން ބާވާލެވުނު މަހެވެ.  އެހެނިހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި އަދާކުރެވޭ އަޅުކަމުގެ ޘަބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މެހެވެ.

އެހެންކަމަށްވުމާއެކު، ރަމަޟާން މަހަކީ ހުރިހާ ގޮތަކުންވެސް ހެޔޮކަމާއި ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. މިފަދަ މާތް މައްސަރަކަށް މުސްލިމުން އިސްތިޤްބާލު ކުރަނީ ވަރަށްވެސް ޝައުޤުވެރިކަމާއެކުގައެވެ. ތިމާގެ އަމިއްލަ ރަށުންބޭރުގައި ވަޒީފާ އަދާކުރާމީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ބޭނުންވަނީ މިމާތް މަސް އެބައިމީހުންގެ ޢާއިލާއާއެކު ހޭދަކުރުމަށެވެ.

މިމާތް މައްސަރަށް އިސްތިޤްބާލު ކުރުމުގެ ގޮތުން، އެތަކެއް ދުވަސް ކުރިން މިމައްސަރާ ބައްދަލު ވުމުގެ ފުރުޞަތު ދެއްވުން އެދި މިއުއްމަތުގެ އިސްވެގޮސްފައިވާ ސަލަފުން ދުޢާކުރައްވާ ހައްދަވާ ކަމުގައިވެއެވެ. މިގޮތުން ރަމަޟާން މަސް އައުމުގެ ހަމަސްކުރިން، މިމަހާ ބައްދަލުވުމުގެ ފުރުޞަތު ދެއްވުން އެދި އެބޭކަލުން ކީރިތިވަންތަ ﷲއަށް ދުޢާ ދަންނަވާކަމުގައި ވެއެވެ. އަދި މިމަސް ފާއިތުވެދިއުމުން އެމައްސަރުގައި ކުރެވުނު ހެޔޮކަންތައް ޤަބޫލުފުޅު ކުރައްވާތޯ އަނެއް ހަމަސް ދުވަހު ދުޢާ ކުރައްވާ އުޅުއްވަތެވެ. ރަޖަބު މަހަށް ހަނދުބެލުމުން، އަންނަނިވި ޢިބާރާތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތިވަންތަ ﷲ އަށް ދުޢާ ދަންނަވާ ކަމުގައި ވާރިދުވެފައިވެއެވެ.  اللَّهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ މާނައީ"ހައްދަވައި ބޮޑުކުރައްވައި ގެންގުޅުއްވާ އިލާހު! އަޅަމެންނަށްޓަކައި ރަޖަބް މަހާއި ޝަޢުބާން މަހުގައި ބަރަކާތްލައްވައި، ރަމަޟާން މަހަށް އަޅަމެން ފޯރުކޮށް ދެއްވާނދޭވެ!

ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކްމަތީ، އަޅުތަކުން ﷲ އަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވެ އުޅުމެވެ. އެހެންކަމުން ރަމަޟާން މަހަށް ހަނދު ބެލުމާއެކު، ސުވަރުގޭގެ ދޮރުތައް ހުޅުވާލެވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. ނުލަފާ ޖިންނި ޝައިޠާނުންތައް ކަސްތަޅު އެޅުވި ހައްޔަރު ކުރެވެއެވެ. ނަތީޖާއަކަށްވަނީ މީސްތަކުން ހެޔޮކަންތައްކަށް އަވަސްވެގެތުން އިތުރުވެގެން ދިއުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ " (رَوَاهُ التِّرْمِذِيُّ وَابْنُ مَاجَه) މާނައީ"ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުތައް ހުޅުވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ﷲ ގެ އަމުރުފުޅަށް މަލާއިކަތްބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެގަންނާށެވެ! ނުބައިކަންތައް ކުރާ މީހާއެވެ! ތިޔަ ކަންތައްތަކުން ދުރުވެގަންނާށެވެ! އަދި އެމަހުގެ ކޮންމެ ރެއަކު، ﷲ ނަރަކައިން ބަޔަކުމީހުން މިންޖު ކުރައްވާހުއްޓެވެ".

ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކްމަތް ބަޔާން ކުރެއްވި އާޔަތުގައި (އަލްބަޤަރާ 183) ﷲ އަންގަވާފައިވަނީ، ކުރީގެ އުއްމަތްތަކަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން، މިއުއްމަތުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވި ކަމަށެވެ. އެއީ އެބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ. މިމަތިވެރި ޙިކްމަތް ބަޔާންކުރައްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "الصَّوْمُ جُنَّةٌ" [البخاري އާއި مسلم] މާނައީ "ރޯދައަކީ ރައްކާތެރިކަމެކެވެ". މިއީ ވަރަށްވެސް ޙިކްމަތްތެރި ބަސްފުޅެކެވެ. ރޯދައަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރި ކަމެކެވެ.

އެހެންކަމުން ރޯދައަށް ހުންނަ ހުރުމުގައި ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ، ކެއުން ބުއިމުން ދުރުހެލިވެގެން ހުރުމުގެ ބޭނުމެއްނެތެވެ. ނުކައި ނުބޮއި ރޯދައަށް ހުއްޓަސް، ބަޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫން އެހެން ކަމެއް އެފަދަމީހާއަށް ނުވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. "كَمْ مِنْ صَائِمٍ لَيْسَ لَه مِنْ صِيَامِهِ إلاّ الْجُوْعُ وَالْعَطَش" [رواه أحمد والدارمي وابن ماجه] މާނައީ "ރޯދަ ހިފައިގެން، ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫން އެހެން ކަމެއް ނުލިބޭ ކިތައްމެ ރޯދަވެރިންނެއް ރޯދަހިފާ މީހުންގެތެރޭގައި ވެއެވެ." އެހެން ޙަދީޘެއްގައި ވެއެވެ. "مَنْ لَمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلِ بِه فَلَيْسَ للهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَه" [ البخاري]  މާނައީ "ދޮގުބުނުމާއި ހުތުރުކަންބޮޑު ޢަމަލުތަކުން ދުރުހެލިނުވާމީހާ، ކެއިންބުއިމުން ދޫކޮށްލައި ރޯދައަށް ހުރުމަކަށް އޭނޭގެ ކިބައިން ﷲ އެދިވޮޑިއެއް ނުގަނެއެވެ." އެހެނީ ރޯދައަށް ހުންނަ ދުވަހުގެ ދުވާލުގެ ވަގުތުގައި މެނުވީ ޙަލާލުތަކެތިން ކައިބޮއެ ހެދުމަކީ ހުއްދަ ކުރައްވާފައިވާކަމެކެވެ. ނަމަވެސް ދޮގު ހެދުމާއި ދެބައޮޑުވުމާއި ޣީބަ ބުނުމާއި މަކަރު ހެދުމާއި މިބާވަތުގެ އެންމެހައި ޢަމަލުތަކަކީ ހުރިހާ ވަގުތެއްގައިވެސް، ކުރުން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. އެހެން ކަމުން މިފަދަ ޙަރާމް ކަންތައް ކުރާ މީހަކު، ތިމަން މިހިރީ ރޯދައަށޭ ބުނެ، ނުކައި ނުބޮއެ ހުރުމުގެ ބޭނުމެއް ނެތެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 7 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel