##siteName## ސިޔާސަތު  

ޤައުމުގެ މަޞްލަޙަތު އިސްކުރަމާތޯއެވެ.

Thursday, July 01, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

އަނެއްކާވެސް ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙުން ފެންނަން މިފެށި ހަލަބޮލިކަމުގެ ސަބަބުން، ވަރަށް ގިނަ ޤައުމީ މަޞްލަޙަތުތަކަށް ހުރަސް އެޅެމުންދާ މަންޒަރު އެބަފެނެއެވެ. ޤައުމުގެ އިޤްތިސާދަށްވެސް މިކަމުގެ އަސަރު ފޯރާނެއެވެ. އާޚިރު ނަތީޖާއަކަށް ވާނީ، މިކަމުން ލިބޭ ގެއްލުން ދިވެހި ރައްޔިތުން ތަޙައްމުލު ކުރަން ޖެހެމެވެ.

ޤާނޫނުނުތަކާއި ޤަވާޢިދުތަކަކީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ހެދޭ އެއްޗެކެވެ. އެއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބަޔެއްގެ މަޞްލަޙަތު ދިފާޢު ކުރުމަށް ހެދޭ އެއްޗެއްނޫނެވެ. ހަމައެފަދައިން ވަކި ވަކި ބަޔަކާ ދެކޮޅުވެރި ވިސްނުމެއް ބާއްވައިގެން ހަދަންވާނޭ އެއްޗެއްވެސް ނޫނެވެ. އެތަކެއް ސަތޭކަ އަހަރުވާ އިރުވެސް، ބައެއް ޤައުމު ތަކުގައި ހަދާފައިވާ ޤާނޫނު އަސާސީއަށް  ބަދަލުތަކެއް ނުގެނެސް ޢަމަލު ކުރަމުން އެގެންދަނީ، އެޤާނުއަސާސީ ތަކަކީ މިފަދަ ވިސްނުމެއްގައި ހެދިފައިވާ ޤާނޫނު އަސާސީތަކަކަށް ވާތީއެވެ. 17 އަހަރުން އަޅުގަނޑުމެން ހެދި ޤާނޫނު އަސާސީއަށް ޢަމަލު ކުރަންފެށިތާ ފަސް އަހަރު ނުވަނީސް ޖެހުނީ އޭތި އުވާލައި އާ ޤާނޫނު އަސާސީއެއް ހަދާށެވެ. މި އާޤާނޫނު އަސާސީއަށް ޢަމަލު ކުރަންފެށިތާ ދެއަރު ނުވަނީސް މިފެންނަނީ އެއަށްވެސް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރެވެމުން ދާތަނެވެ. ހަމަ އެހެންމެ ހެދިފައިވާ އެހެން ޤާނޫނުތަކަށްވެސް ޢަމަލުކުރަން ފަށާތަނާހެން، މިފެންނަނީ ބަދަލުތަކެއް ގެންނަން އުޅޭތަނެވެ.

މިއިން ދައްކުވައިދެނީ މިކަންކަމުގައި ޤައުމުގެ މަޞްލަޙަތަށް އިސްކަން ދެވިފައިނުވާ މިންވަރެވެ. ދައުލަތުގެ ތިންބާރު ވަކިކުރެވި އެއްބާރުގެ މައްޗަށް އެނެއްބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށް އިންފާރުލެވި ވަކިކުރެވިފައިވާ އިރު، އެއްބާރުން އަނެއްބާރުގެ އިޚްތިޞާޞްތަކަށް އަރައިގަންނަން މަސައްކަތް ކުރެވެމުންދާ މަންޒަރެވެ. މިފަދަ ދަނޑިވަޅެއްގައި، ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، އެބޭފުޅުންގެ އަމިއްލަ މަޞްލަޙަތު ކުރިޔަށް ނެރުމުގެ ބަދަލުގައި، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް ގޮވާލައި ނަޞޭޙަތްތެރިވަމެވެ.

އަޅުގަނޑުމެން އެންމެންނީވެސް މާދަމީ މިޤައުމާ އަދި މިދުނިޔެއާވެސް ވަކިވާނޭ ބަޔެކެވެ. އަޅުގަނޑުމެންކުރެ އެކަކުވެސް ދުނިޔެއަށް އައީ، ވެރިކަމަކާއިގެނެއް ނޫނެވެ. އަދި މިދުނިޔެ ދޫކޮށްފައި ދާއިރުވެސް، އެއިން ކަމެއް ގެންދެވޭނީއެއްވެސް ނޫނެވެ. އެހެނަސް ޤައުމު ދެމިއޮންނާނެއެވެ. އެހެންކަމުން، މާދަމާވެސް މިޤައުމަށް އަންނަ ބަޔަކު އައިސް، ކުރީގައި މިޤައުމުގައި އުޅުނު ބަޔަކު ކުޅަކަންތަކެއްގެ ސަބަބުން، އެބައިމީހުންނަށް ދިމާވި މުޞީބާތްތަކޭ ކިޔައި، އަޅުގަނޑުމެންނަށް ބަދުބަސް ރައްދުވާ ފަދަ ޢަމަލެއް، މިއަދު އަޅުގަނޑުމެން ކޮށްގެން ނުވާނެއެވެ. އާޚިތުގެ ޘަވާބާއި ދަރުމަޔަށް އެދިގެން އިޚްލާޞްތެރިކަމާއެކު ކުޅަ ހެޔޮ ޢަމަލަކުން މެނުވީ އާޚިރަތް ދުވަހުން ފައިދާއެއް ނުކުރާނެއެވެ. މިދިނުޔެމަތީގައި އެކުވެރިން ކަމުގައި ތިމާ ދެކެގެން އުޅުނު ފަރާތްތަކުގެ އެހީތެރިކަމެއްވެސް އެދުވަހަކުން ނުލިބޭނެއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 11 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel