##siteName##



 އެހެނިހެން  

މަލިކުގެ ރައްޔިތެކާ އެކީ ވަގުތުކޮޅެއް

Saturday, June 26, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

މަލިކުގެ ރައްޔިތެކާ އެކީ ވަގުތުކޮޅެއް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

ކަލިކަތު 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް

މިދަތުރުގައި، 1/5/2010 ވީ ދުވަހު ދެނަމާދު ދޭތެރޭގައި ކަލިކަތު މަލަބާރު ގޭޓް ހޮޓަލުގެ 611 ވަނަ ނަމްބަރު ކޮޓަރީގައި ހުންނަވައިގެން، މަލިކު ބިއްދަށުގޭ ޢަލި މަނިކުފާނު ދެއްވި ބަސްދީގަތުން.

 

30 އެޕްރީލް 2010 އިން 8 މެއި 2010 އަށް އަޅުގަނޑު ކަލިކަތަށް ކުރި މިދަތުރުގައި، މަލިކު މީހަކާ ދިމާވިއެވެ. އޭނާގެ ނަމަކީ ޢަލި މަނިކުފާނެވެ. ކަލިކަތުގައި ހުންނަ އޯލް އިންޑި ރޭޑިއޯގައި މަސައްކަތް ކުރައްވާ، އަލިމަނިކުފާނަކީ މަލިކު ބިއްދަށު ގޯތި މީހެކެވެ. އޯލް އިންޑިޔާ ރޭޑިޔޯއިން ކޮންމެ ދުވަހަކު ހަވީރު 5 ޖަހާއިރު ޢަލި މަނިކުފާނު މަލިކު ބަހުން ފޮނުވާ ރޭޑިޔޯ ޕްރޮގްރާމެއް ފޮނުވައެވެ.

ޢަލީ ކިޔައިދެއްވި ދިންގޮތުގައި ލަކްޝަދީބްގައި 10 ރަށް އޮވެއެވެ. އެއީ،

1-     މަލިކު: ލަކްޝަދީބްގެ ރަށްތަކުގެ ތެރެއިން ދިވެހިރާއްޖެއާ އެންމެ ކައިރީގާ އޮންނަ ރަށަކީ މަލިކެވެ. ލަކްޝަދީބްގެ ރަށްތަކުގެ ތެރެއިން، ދިވެހިބަހުން ވާހަކަ ދައްކަނީވެސް ހަމައެކަނި މަލިކު މީހުންނެވެ. އެހެން ރަށްތަކުގެ މީހުން ވާހަކަ ދައްކާއުޅެނީ މަލިޔާޅަމް (އިންޑިޔާގެ ކެރެލާ ސްޓޭޓް މީހުން ވާހަކަ ދައްކައިއުޅޭ ބަސް) ބަހުންނެވެ.

2-       ކަލްޕޭނީ

3-      ކަވަރައްތި

4-      އަގައްތި

5-      އައްމީނި

6-      ކަޑަމައްތު

7-      ކެލްތަން

8-      ޗޭތްލާތް

9-      އަންދުރޯއްތު

10- ބިއްތުރާ

ލަކްޝަދީބްގެ ވެރިރަށަކީ ކަވަރައްތިއެވެ. އެހެނަސް އެއަރޕޯޓެއް އޮންނަނީ ހަމައެކަނި އަގައްތީގައެވެ.

މަލިކު މީހުންނަކީ ވަރަށް އަޚްލާޤު ރަނގަޅު ބައެއް ކަމަށާއި، އެބައިމީހުންނަކީ، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅޭ ބައެއް ކަމުގައި ވެސް ޢަލީ ވިދާޅުވިއެވެ. ވަރަށް ފަހަކާ ޖެހެންދެން ވައްކަން ކުރުމާއި ބޮޑެތި ކުއްކުރުން މަލިކުގައި ނޯވެއެވެ. ޢަލީ ވިދާޅުވާ ގޮތުގައި މަލިކުގެ ތާރީޚުގައިވެސް ޤަތުލުގެ އެންމެ ޙާދިޘާއެއް ނޫނީ މަލުކުގައި ހިނގާފައި ނުވެއެވެ. އެއީ ވެސް ސިކުނޑީގެ މައްސަލައެއް ހުރި މީހަކު، އޭނާގެ އުފަން ދެކުދިން ޤަތުލު ކުރި ޙާދިޘާއެވެ.

މަސްތުވާތެކެތީގެ ކަންތަކެއްވެސް މަލިކުގައި ނޯވެއެވެ. ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ކެރަލާއިން މިއެއްޗެހި މަލިކަށް އެތެރެ ވަމުންދާ ކަމުގައި، ޢަލީ ވިދާޅުވިއެވެ.

"މަސްތުވާތަކެތި މިހާރު ވަރަށް މަދުންނަމަވެސް އެތާނގައި އެބައޮތް" ޢަލިމަނިކުފާނު ވިދާޅުވިއެވެ.

 

 

މަލިކުމީހުންގެ ހެދުން:

އަންހެނުން މުޅިންވެސް ލަނީ ތަނބިކައްޓާ ހަމައަށް ނުވަތަ އެއަށްވުރެ ތިރިއަށް ނަމަވެސް އޮންނަ ދިގު ލިބާހެވެ. މިބާވަތުގެ ހެދުމަށް މަލިކުމީހުން މިހާރު ކިޔައި އުޅެނީ "މައު ލިބާސް"އެވެ. އެހެނަސް މިލިބާހަށް އިހު ކަޔަނީ ރަތް ލިބާހެވެ. ޢަލީ ވިދާޅުވި ގޮތުގައި، އަންހެނުން އެންމެންވެސް ތިބެނީ ދޮޅި އަޅާފައެވެ.

 

ފިރިހެނުންގެ ހެދުން:

މަލިކު ފިރިހެނުން ކުރީގައި ލައި އުޅުނީ ގަމީހާއި މުންޑެވެ. ނަމަވެސް މިހާރު އެންމެން ހެން ލައި އުޅެނީ ފަޓްލޫނާއި ޤަމީހެވެ.

 

މަލިކުގެ މީހުން ބެހިފައިވާ ދަރަޖަތައް:

ޢަލީ ވިދާޅުވާ ގޮތުގައި މަލިކުމީހުން ހަތަރު ބަޔަކަށް ބެހިފައިވެއެވެ. އެއީ،

-         މަނިކުފާނު

-         ތަކުރުފާނު

-         ތަކުރު

-         ރާވެރި

މީގެ ތެރެއިން އެންމެ މަތީ ފަންތީގެ މީހުންނަކީ، މަނިކުފާނުމެންނެވެ. ދެން ތަކުރުފާނުމެންނެވެ. ދެން ތަކުރުންނެވެ. އެންމެ އާދައިގެ މީހުންނަކީ ރާވެރިންނެވެ.

މިއެންމެންގެ މެދުގައި، ހެދުން އެޅުމުގައިވެސް ތަފާތުތަކެއް އޮންނަ ކަމުގައި ޢަލިމަނިކުފާނު ވިދާޅުވިއެވެ. މިދަރަޖަތަކަކީ މިހާރު ގެންގުޅޭ ދަރަޖަތަކެއް ނޫންކަމަށާއި، މިއާދަތައް މިހާރު މަޑުމަޑުން ފުހެވެމުން ދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

 

މަލިކުގެ އަވަށްތައް

މަލިކުގައި 10 އަވަށް އޮވެއެވެ. އެއީ، 1- ފަލައްސޭރި، 2 ކުދެހި، 3 ފުންހިލޯޅު، 4 އަލޫޑި 5 ސޭޑިވަލު 6 ރަށްމެދު، 7 ބޮޑު އަތިރި، 8 އައުމަގު، 9 ބާޑަ( މިނުވަ އަވަށަކީ އިހުއްސުރެ ހުންނަ އަވަށްތަކެވެ. 10 ކެނޑިޕާޓީ (މިއީ އަލަށް ހެދުނު އަވަށެކެވެ. )

 

މަލިކުގެ އާބާދީ:

މަލިކުގެ އާބާދީ އުޅެނީ ދިހަ ހާހުން (10،000) މަތީގައި ކަމުގައި މަޢުލޫމާތު ދެއްވަމުން ޢަލީ ވިދާޅުވިއެވެ. "މަލިކުގެ ދިގުމިނުގައި ހުންނަނީ 11 ކިލޯ މީޓަރެވެ. ފުޅައުމިން އެންމެ ފުޅައު ތާނގަ 700 މީޓަރު ހުންނަނީ" ޢަލީ ވިދާޅުވިއެވެ.

ކެރަލާއަށް މަލިކު މީހުން ކިޔައި އުޅެނީ ދިގު ކަރައެވެ. މަލިކުމީހުން ވެރިމީހާއަށް ކިޔަނީ "ރަށު ވެރިން"

މިހެންނެވެ.

 

 

މަލިކުމީހުންނަށް އެންމެ ބޭނުން ކަންތައްތައް:

މަލިކުމީހުންނަށް އެންމެ ބޭނުމީ ކޮންކަމެއްތޯ އަޅުގަނޑު އަހާލުމުން، ޢަލީ ވިދާޅުވީ، އެމީހުން އެންމެ ބޭނުމީ ތަޢުލީމު ކަމަށެވެ. މަލިކުމީހުންނަށްނަކަށް ދިވެހި ބަހުގެ ޤަވާޢިދެއް ނޭނގެއެވެ. އަދި ދިވެހި ކިޔަވާދެއްވާ މުދައްރިސުންނަކަށްވެސް ޤަވާޢިދެއް ނޭނގެއެވެ. އެހެންކަމުން، ދިވެހި ކިޔަވާ ދެއްވާ މުދައްރިސުން ރާއްޖެ ފޮނުވައިގެން، ދިވެހިބަހުގެ ޤަވާޢިދު ދަސްކޮށް ދެވޭނެފަދަ ގޮތެއް ވުމަކީ، މަލިމީހުން ވަރަށް ބޮޑަށް ބޭނުން ކަމެކެވެ. ހަމަ އެފަދައިން ދިވެހި ބަހުން ލިޔެވިފައި ހުންނަ ދީނީ ފޮތްތަކާއި އަދަބީ ފޮތްތައް ބޭނުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން "ފަތްތޫރަ" ލިބޭ ކަމަށާއި، ނަމަވެސް މިހާރު އެވެސް ނުލިބޭކަމުގައި ވެއެވެ. ފޮތެއް ވެސް ސިޓީއެއްވެސް ޕާރިސަލެއްވެސް އެމީހުންނަށް ލިބެނީ، ކެރެލާގެ އަމްނު ބަލަހައްޓާ އިދާރާއިން ކަނޑާ ފާސްކުރުމަށް ފަހުގައި ކަމަށް ޢަލީ ވިދާޅުވިއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 27 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel