##siteName##



 ޢުލޫމުލްޤުރްއާން  

އަސްބާބުއްނުޒޫލު1

Friday, June 25, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

                ކީރިތި ޤުރުއާނަކީ، މުޅި އިންސާނިއްޔަތަށް ހިދާޔަތުގެ މަގު ދެއްކެވުމަށް މާތް ﷲ ބާވާލެއްވި އެކަލާނގެ ކަލާމުފުޅެވެ. އިންސާނުންގެ ދިރުއުޅުމަށް ބޭނުންވާނޭ އެންމެހައި ކަންތައްތަކުގެ ވާހަކަ، މިފޮތުގައި އައިސްފައިވެއެވެ. އިންސާނުން މިދުނިޔެއަށް ފޮނުއްވުމުގެ އައިއަސްލު މަޤުސަދު ކަމުގައިވާ، ﷲ އަށް އަޅުކަން އަދާކުރާނޭ ގޮތުގެ ވާހަކަ އައިސްފައިވެއެވެ. މާޒީވެ ގޮސްފައިވާ ޤައުމުތަކުގެ ވާހަކަ އައިސްފައިވެއެވެ. ޤުރުއާން ބާވާލެއްވި ދުވަސްވަރު ހިނގަހިގާ ހުރި ކަންތައްތަކަށް އަލި އަޅުވާލާފައިވެއެވެ. އަދި ހަމަ އެފަދައިން ކުރިމަގުގައި ހިނގާނޭ ބައެއްކަންތަކުގެ ވާހަކަވެސް މިފޮތުގައި އައިސްފައިވެއެވެ.

              އިސްވެދިޔަ ވާހަކަތަށް ބަޔާން ކުރެއްވުމުގައި، ޤުރުއާނުގެ ގިނަ އާޔަތްތައް ބާވާލައްވާފައިވަނީ ވަކި ސަބަބަކާ ލައިގެންނެއް ނޫނެވެ. ނަމަވެސް، ބައެއްފަހަރު މީހަކު ކުރާ ސުވާލަކާ ވިދިގެން، ނުވަތަ މީހަކާ ކުރިމަތިވާ މައްސަލައަކާ ގުޅިގެން، އެކަމުގެ ޙުކުމް ޤުރްއާނުގައި ބާވާލައްވައެވެ. ސަބަބު ނުޒޫލަކީ މިފަދަ ގޮތެއް މެދުވެރިވެގެން ޤުރުއާނުން ބާވާލައްވާފައިވާ ބާވާލެއްވުމެވެ.

 

ސަބަބު ނުޒޫލަށް ޢިލްމުވެރިން ދެއްވާފައިވާ އަހައްމިއްޔަތު

 

ޢުލޫމުލް ޤުރްއާނުގެ މައުޟޫޢުތަކަށް ވާހަކަ ދައްކަވާ ޢިލްމުވެރިން، ސަބަބު ނުޒޫލަށް ޚާއްޞަ ޢިނާޔަތަކާއި އަހައްމިއްޔަތެއް ދެއްވާފައި ވެއެވެ. އެއީ، ޤުރްއާން ތަފްސީރު ކުރުމުގައި މި އިލްމުގެ ބޭނުންތެރި ކަމުންނެވެ. މިގޮތުން، ސަބަބު ނުޒޫލުގެ ޚާއްޞަ ފޮތްތަކެއް އެކުލަވާލައްވާފައި ވެއެވެ. މީގެ ތެރެރިން ބައެއް މަޝްހޫރު ބޭބޭކަލުންނީ، އަލްއިމާމު އަލްބުޚާރީގެ އެދުރު ބޭކަލެއްކަމުގައިވާ عَلِيُّ بن الْمَدِيْنِي، އާއި އޭގެ ފަހުގައި الواحدي ، އޭނާ ލިޔުއްވާފައިވާ ފޮތުގެ ނަމަކީ أَسْبَابُ النُّزُوْل . އެއަށް ފަހު الجَعْبَرِي އޭ ކިޔުނު ބޭކަލަކު الوَاحِدِيّ ގެ ފޮތުގައިވާ ސަނަދުތައް އުނިކުރައްވާ އެފޮތް ޚުލާސާ ކުރެއްވިއެވެ. އެއަށް ފަހު އަލްޙާފިޡު އިބްނު ޙަޖަރު ސަބަބު ނުޒޫލަށް ފޮތެއް އެކުލަވާ ލެއްވިއެވެ. އެ ފޮތަށް ދެއްވި ނަމަކީ اَلْعُجَابُ فِىْ بَيَانِ الْأَسْبَابِ އެވެ. އޭގެ ފަހުގައި الحافظ السُّيُوْطِي އަސްބާބުއް ނުޒޫލްގެ ފޮތެއް ލިޔުއްވިއެވެ. މި ފޮތަށް ދެއްވާފައިވާ ނަމަކީ النُقُول فى أسباب النزول އެވެ.

 

ސަބަބު ނުޒޫލު އެނގެނީ ކިހިނެއް؟

 

ސަބަބު ނުޒޫލު ދެނެގަތުމުގައި، ޢިލްމުވެރިން ބައްލަވާފައިވަނީ މުޅިންވެސް ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހުން ވާރިދު  ވެފައިވާ ޙަދީޘް ތަކަށެވެ. ނުވަތަ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިއަހުން ވާރިދު ވެފައިވާ ކޮންމެވެސް ޤައުލަކަށެވެ.

އެހެނި، ސަޙާބީއަކު މިފަދަ ކަމަކާ ބެހޭގޮތުން ސަރީޙަކޮށް، މިވެނި އާޔަތެއްގެ ސަބަބު ނުޒޫލަކީ މިވެނި ކަމެކެވެ، ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ޙުކުމަކީ، ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން ވާރިދު  ވެފައިވާ ޙަދީޘެއްގެ ޙުކުމަކަށް ވާތީއެވެ. އަލްވާޙިދީ ވިދާޅުވެފައިވެއެވެ. ޤުރްއާން ބާވާލެއްވި ޙާދިސާތައް ފެނިވަޑައިގެންފައިވާ، އަދި އެވާހަކަތަކުގެ އަޑު އިވިވަޑައިގެންފައިވާ ސަޙާބީއަކުގެ ބަސްފުޅެއް ގެނެސްގެން ނޫންގޮތަކަށް ޤުރްއާނުގެ ސަބަބު ނުޒޫލާ ބެހޭގޮތުން އެއްޗެއް ބުނުމީ ހުއްދަކަމެއް ނޫނެވެ.

އެހެންކަމުން އެނގި ސާބިތުވާ ކަމަކީ، އިޖްތިހާދު ކުރުމަކުން ނުވަތަ ޤިޔާޞްކުރުމަކުން، އާޔަތެއްގެ ނުވަތަ ސޫރަތެއްގެ ސަބަބު ނޫޒޫލެއް ސާބިތު ނުކުރެވޭނެއެވެ.

 

ސަބަބު ނުޒޫލެއްކަމުގައި ބެލެވޭނީ ކޮންކަހަލަ ކަންތައްތަކެއްތަ؟

ސަބަބު ނުޒޫލެއް ކަމުގައި ބަލެވޭނީ، އަންނަނިވި ދެކަމުން ކުރެ ކަމެއް މެދުވެރިވެގެންނެވެ. އެއީ:

1 - ކޮންމެވެސް ޙާދިޘާއެއް ހިނގުމުން އެކަމާ ވިދިގެން ޤުރްއާން ބާވައިލައްވާ ބާވައިލެއްވުން.

މިސާލު، އިބްނު އައްބާސް ވިދާޅުވެފައި ވެއެވެ. وَأَنْذِرْ عَشِيرَتَكَ الأقْرَبِينَ [الشعراء 214] މި އާޔަތް ބާވާލެއްވުމުން ރަސޫލާ صلى الله عليه وسلم ނިކުމެ ވަޑައިގެން ޞަފާ ފަރުބަދަ މައްޗަށް އަރައި ވަޑައިގެން، އާއިލީ ގޮތުން އެކަލޭގެފާނާ ގުޅިފައިވާ ޤަބީލާތަކުގެ އެންމެންނަށް ގޮވާލެއްވިއެވެ. އަދި، އެ އެންމެން އެއްވުމުން ވިދާޅުވިއެވެ. މި ފަރުބަދަ ފަހަތުން ލާފައި ކަލޭމެންނާ ހަނގުރާމައަކަށް ބަޔަކުމީހުން އެބަ އާދެއޭ ތިމަންކަލޭގެފާނު ވިދާޅުވެއްޖެނަމަ އެވާހަކަ ތެދު ކުރާނޫ ހެއްޔެވެ؟ އެބައިމީހުން ޖަވާބު ދިނެވެ. ތިޔައީ ދުވަހަކުވެސް އިތުރުފުޅެއް ހެއްދެވި ބޭފުޅެއް ނޫނިއްޔާއެވެ. ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނީ، ވޭންދެވިނި އަޛާބަކަށް ބިރުވެތިވުމަށް ތިޔަބައި މީހުންނަށް އިންޒީރު ދެއްވާ ބޭކަލަކީމުއެވެ. އެހިނދު އަބޫލަހަބު ބުންޏެވެ. ކަލޭގެފާނަށް ހަލާކު ހުއްޓެވެ. އަހަރުމެން އެންމެން މިތަނަށް އެއްކުރެއްވީ ތިހެން ވިދާޅުވަން ހެއްޔެވެ؟ އެހިނދު މިސޫރަތް ބާވާލެއްވިއެވެ. تَبَتْ يَدَا أَبِيْ لَـهَبٍ وَتَبّ

 

2 - ކަމަކާބެހޭގޮތުން ރަސޫލާ صلى الله عليه وسلم އާ މީހަކު ކުރާ ސުވާލަކާ ގުޅިގެން، ޤުރްއާން ބާވާލެއްވުން.

މިސާލު : أَوْسُ بْنُ الصَّامِت ނަމަކަށް ކިޔުނު ޞަޙބީއެއް އޭނާގެ އަނބިކަނބަލުން خَوْلَةُ بِنْتُ ثَعْلَبَة އާ ظهار ކުޅައެވެ. އެހިނދު خولة އެވާހަކަ ރަސޫލާ صلى الله عليه وسلم އަރިހުގައި ދެންނެވުމުން اَلْمُجَادِلَة ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަށް ބާވާލެއްވިއެވެ.

 

ނަމަވެސް ހަދާން ބަހައްޓަންޖެހޭ ނުކުތާއަކީ، ކުރިންވެސް ބުނެވި ދިޔަފަދައިން، ޤުރްއާނުގެ ކޮންމެ އާޔަތަކަށް ސަބަބު ނުޒޫލެއް ނުވެއެވެ. އެހެނީ، ޤުރްއާން ބާވާލެވިފައިވަނީ ޙާދިޘާތަކާއި ސުވާލުތަކާއި ވިދިގެން އެކަންޏެއް ނޫން ކަމުގައިވާތީއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 28 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel