##siteName##



 ޚަބަރު  

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޑޮކްޓަރ ޒާކިރު ނައިކާ ބައްދަލުކުރައްވައިފި

Wednesday, May 26, 2010
ޚަބަރު : ރައީސް އޮފީސް


 ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ރައީސް ޑޮކްޓަރ ޒާކިރު ޢަބްދުލްކަރީމް ނައިކާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑޮކްޑަރ ނައިކަށް މަރުޙަބާ ވިދާޅުވެ، ޑޮކްޓަރ ނައިކު ރާއްޖޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކަކީ ވަރަށް ގިނަ ދިވެހިން އިންތިޒާރު ކުރަމުންގެންދާ ދަރުސްތަކެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ މިހާރު ޑިމޮކްރެޓިކް އަދި މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިންގެ މެދުގައި އެހެން ދީންތަކާއި، ޘަޤާފަތުތަކަށް އިޙްތިރާމް ކުރުން އިތުރު ކުރުމަކީވެސް މުހިންމު ކަމެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރ ޒާކިރު ނައިކު ދެއްކެވި ވާހަކަފުޅުގައި، އޭނާގެ ދަރުސްތަކާއި، ކުރައްވާ މަސައްކަތުގެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި، އިސްލާމްދީނާމެދު އުފެދިފައިވާ ކުށްހީތައް ނައްތާލައި، އިސްލާމް ދީނާމެދު ޝައްކު އުފެދޭ މައްސަލަތައް ދަލީލުގެ އަލީގައި ސާފުކޮށްދެއްވުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ. އަދި ދީންތަކުގެ މީހުންގެ މެދުގައި ދެނެގަތުމާއި، ދީންތަކުގެ މެދުގައި ހަމަޖެހުން އިތުރުކުރުމަކީވެސް އޭނާ ކުރައްވާ މަސައްކަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ޑޮކްޓަރ ޒާކިރު ނައިކަކީ، އިސްލާމްދީނާބެހޭ މަޢުލޫމާތު ގެނެސްދޭ ޓީ.ވީ ޗެނަލެއް ކަމަށްވާ ޕީސް ޓީ.ވީ.ގެ އެއް މުއްސިސްވެސް މެއެވެ. ޑޮކްޓަރ ނައިކު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޕީސް ޓީ.ވީ.އަކީ ވަރަށް މަޤްބޫލު ޗެނަލެއްކަން ރާއްޖެ ވަޑައިގަތުމުގެ ކުރިން އެނގިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުން، ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕީސް ޓީ.ވީ.ގެ ޕްރޮގްރާމްތައް ބަލަމުން ގެންދާކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފި ކަމަށާއި، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރ ޒާކިރު ނައިކަކީ، އިސްލާމް ދީނަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، އަދި އެކި ފަރާތްތަކުގެ އިޙްތިރާމް ލިބިވަޑައިގެންވާ ޝަޚްޞިއްޔަތެކެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 20 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel