##siteName## އަޚްލާޤް  

އެހެންމީހުންނަށް ލިބިފައިވާ ނިޢްމަތްތަކާމެދު ޙަސަދަވެރިވުމުގެ ނުބައިކަން

Monday, April 26, 2010
ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


 

ޝައްކެއްނެތް ! ޙަސަދަވެރިކަމަކީ މީހުން ނަފްރަތުކުރާ ވިޔާނުދާ ސިފަ ތަކުގެ ތެރެއިން ސިފައެއް. އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް އީމާން ނުވާ ކަމުގެ ހެއްކެއްވެސްމެ. އާދެ ! ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންނުވުން.

     ޙަސަދަ ވެރިކަމަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ ކިބައިން ފިލައި ދިއުމަށް ތިމާގެ ހިތް އެދުން. އަދި އޭގެ ބަދަލުގައި ތިމާއަށް އެނިޢުމަތް ލިބުމަށް އެދުންވެސްމެ . އެހެންކަމުން ޙަސަދަ ވެރިޔާއަށް ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެ. އެހެނީ އަނެކެއްގެ ފަރާތުން ނިޢުމަތެއް ފެންނައިރަށް އެކަމާ ޙަސަދަ ވެރިވާން ފަށާނެ ، އަދި އޭނާގެ ކިބައިން އެ ނިޢުމަތް ނެތިގެން ދިއުމަށް ބޭނުންވާނެ . މިހެން ނުވާހާ ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް އަރާމެއް ނުލިބޭނެ.

    ޝައްކެއްނެތް. ޙަސަދަ ވެރިކަމަކީ ބޮޑުވެގެންވާ ފާފައެއް. މާތްﷲ ލައުނަތް ލެއްވި އިބްލީސް  ސުވަރުގޭގެ މަތިވެރި ނިޢުމަތުން ބޭރުކުރެވުނީވެސް ޙަސަދަވެރިކަމުގެ ސަބަބުން . އާދެ! ޢާދަމް ޢަލައިހިތް ސަލާމް މަށިން އުފައްދަވާ އެކަލޭގެފާނަށް ސަޖިދަ ކުރުމަށް މާތްﷲ ހުރިހާ މަލާއިކަތް ބޭކަލުންނަށް ޢަމުރު ކުރެއްވިހިނދު އެބޭކަލުން ސަޖިދަ ކުރެއްވި. ނަމަވެސް މާތްﷲ އެބޭކަލުންގެ ދަރަޖަ ދެއްވާފައިވާ އަލިފާނުން ހެއްދެވިގެންވި އިބްލީސް ސަޖިދަކުރުމަށް އިންކާރުކުޅަ . އެއީ އޭނާގެ ކިބައިގާވާ ބޮޑާ ކަމުގެ ސަބަބުން އާދަމުގެފާނާމެދު ޙަސަދަވެރިވީ . އެހެންވެ ބުނެވެނީ ޙަސަދަ ވެރިކަމުގެ އަސްލަކީ ބޮޑާ ކަމެވެ.

    ހަމައެހެންމެ މާތްﷲ އެބައެއްގެ މައްޗައް ލައުނަތްލެއްވި  ޔަހޫދީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޢީމާން ނުވީވެސް ހަމަ މި ސަބަބާހުރެ. އާދެ އެމީހުންގެ ދަރިންނަކީ ކޮބާކަން ވަކިކުރަން އެގޭފަދައިން އެކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލާކަން އެމީހުންނަށް އެގޭ އިރުވެސް އެކަލޭގެފާނީ އެބައިމީހުންގެ ތެރެއިން ވަޑައިގަތް ބޭކަލަކަށް ނުވީތީވެ އެބައިމީހުން އެކަލޭގެފާނަށް އީމާނެއްނުވި .

    މާތްﷲ އޭނާގެމައްޗަށް ލަޢްނަތްލެއްވި އަބޫ ޖަހުލު ވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އީމާން ނުވީ ހަމަ މި ސަބަބާ ހުރެ. އާދެ! އެކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކުކަމަށް އޭނާއަށް އެގޭކަމަށް  ދުލުން އިޢުތިރާފުވި . ނަމަވެސް އޭނާގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލަކަށް ނުވާތީވެ އީމާންވުމަށް އިންކާރު ކުޅަ. އެމަތިވެރި ޝަރަފު އެހެން މީހަކަށް ލިބުނީތީވެ އެކަމާ ޙަސަދަވެރިވި .

    އާދެ ! މިހިރީ ހައްތަހާވެސް ޙަސަދަވެރިކަމުގެ ނުބައި ކަން . ރަގަޅުގޮތް ކިތަންމެ ރީއްޗައް ފެންނަން އޮތަސް ޙަސަދަވެރިޔާ އެކަމަށް އިޢުތިރާފުވުމަށް އިންކާރުކުރޭ. އެހެންކަމުން މިނުބައި ސިފައިން ސަލާމަތްވެ ތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފައިވޭ . އެކަލޭގެފާނު ޚަދީޘް ކުރައްވަނީ: ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ.  އެކަކު އަނެކަކާ ޙަސަދަވެރި ނުވާށޭ.  އެކަކު އަނެކަކަށް ފުރަގަސް ނުދޭށޭ. އަދި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާ ޙާލު ﷲ ގެ އަޅުންތަކެއްކަމުގައި ވާށޭ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 36 ފަހަރު

 

 

All rights reserved: DrAbdulMajeed.com 2010
Design: MuhammadhAneel